ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތަށްފަހު އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން، މިހާތަނަށް 34 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޕްރިންޓް ކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރުކުރިއަށްދަނީ ޗެކް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް އައި ބޮޑު އަދަދާ ގުޅިގެން ކުރެވުނު މަސައްކަތާއެކު ޝަކުވާ ހުށަހެޅުމަށް އިތުރު އިތުރު އެއްވެސް ވަގުތެއް މިހާރު ދެވެން ނެތް ކަމަށެވެ. ދެވަނަ ބުރަށް 47،000 އަށްވުރެއް ގިނަ ފަރާތްތަކުން ރީރަޖިސްޓްރީ ކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް އިސީން ވަނީ ދީފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 09:00 ގެ ނިޔަލަށް ހަމަވާނެއެވެ.
ހަބީބް ވިދާޅުވީ މިވަގުތާ ހަމައަށް ލިބުނީ 34 ޝަކުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ފެށިތައް ބެހެއްޓި މަރުކަޒުތަކުގެ ތެރެއިން 43 މަރުކަޒެއް ހުރި ތަންތަން ނޫން އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަންވެސް ހަބީބު ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ ވޯޓުލާ ބައެއް މަރުކަޒުތައް ހުރިގޮތުން ބައެއް ކަހަލަ ދަތިތައް ދިމާވި ކަމަށާއި، އެ ޝަކުވާތަކާ ގުޅިގެން އެއަށްވުރެއް ރަނގަޅު މަރުކަޒުތަކަށް ބަދަލުކުރަން އެގޮތަށް މަރުކަޒުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓުލާން ދާންޖެހޭތަން ޗެކުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
