ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވުމަށް ފުރުސަތު ދެއްވައިފިނަމަ، ގައުމުގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރު ކޮމިޓީއާއި ރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް ދިވެހީންގެ ރާއްޖެ އަށް ކުރާ ދަތުރު ފަށާ ފަތިހަކަށް ކަމަށެވެ.
”ފުރުސަތު ދެއްވައިފިނަމަ މި ގައުމުގެ މިނިވަންކަން އަޅުގަނޑު ޔަގީންކޮށްދޭނަން. އެންމެ މުހިންމީ މިނިވަންކަން ދިފާއުކުރުން. އޭގެ ފަހުން ބޯހިޔާވަހިކަމާއި އާމްދަނީ އަދި އިޖުތިމާއީ ކަންކަން.“ މާލެ ސިޓީގެ މޭޔަރު، މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިން ތިބީ ސީރިއަސްކަމާއި އެކު ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި، މި މަސައްކަތުގައި އެމަނިކުފާނާއި އެކު ތިއްބެވީ ތައުލީމީ، ގާބިލް ބޭފުޅުން ކަމަށެވެ.
