ގައުމީ ދިފާއީ ބާރުން ވިދާޅުވިޔަސް، އުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާތަނެއް ނޫންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ހަނދާން ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރައްވައިފައި ވަނީ، ރޭ ގިރާވަރު ކޮމިޓީއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ދިވެހީންނަށް މިހާ އަމާންކޮށް ސުލްހަވެރިކޮށް ތިބެވެނީ އެތައް ސަތޭކަ އަހަރެއްކުރިން ދިވެހީންގެ ރާއްޖެ، ދިވެހީންގެ އަތުން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ދިވެހި ގައުމީ އަބްތާލުން ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވިކަމުން ކަމަށެވެ.
އެމަނިކުފާނުގެ ވާހަކައިގައި، މި މަހުގެ 30 ވަނަ ދުވަހު، ރައްްޔިތުންނަށް މިނިވަންކަމުގެ ދިފާއުގައި، ވޯޓުލުމަށް ލިބިގެންދާނެ ފުރުސަތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
”ވޯޓުލުމަށް މިލިބޭ ފުރުސަތަކީ އަޅުގަނޑުމެންގެ މުސްތަގްބަލް ބައްޓަންކުރުމަށް ލިބޭ ފުރުސަތެއް. އެއީ ދަރިންނާއި ދަރިންގެ މުސްތަގްބަލާއި ގުޅިފައިވާ ކަމެއް.“
ުމުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ވަރަށް ބަނަކޮށް ކަމަށާއި، ގައުމީ ދިފާއީ ބާރުން ވިދާޅުވިއަސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށެވެ.
”ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން.“
އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅޭ އެއްބަސްވުމާއި ގުޅޭ މާއްދާ އެއް ހާމާކުރަން އެދުނަސް ސުޕްރީމްކޯޓަށް ދާން ޖެހޭ ކަމަށާއި، އެއިން މާއްދާއެއް އިއުލާންކޮށްފިނަމަ، އިގްތިސާދީ ދަތިތައް ކުރިމަތިކުރުވާ ކަމަށެވެ.
”މިއަދު ލިބޭ މަދު ފައިސާކޮޅަކަށް ލިބޭ ޕްރޮޖެކްޓަކަށް ލިބޭ މަޤާމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ ”ޗީޕް“ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ.“
މުއިއްޒު ވިދާޅުވީ ގައުމަށް އޮތް ލޯބި ވޯޓުން ދައްކައިފިނަމަ 1 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް، ދިވެހީންގެ ރާއްޖެ އަށް ކުރާ ދަތުރު ފަށާ ފަތިހަކަށް ކަމަށެވެ.
