ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކިއަތަކަށް ނާރަން ނިންމާފައި އޮތުމުން އެގޮތުގައި ތިއްބަވާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރީގެ ގާތް ދެ ރަހުމަތްތެރިންގެ މިއަދުގެ މަޝްވަރާތަކަށްފަހު ނިކުމެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދެ ރައީސުން މަޝްވަރާ ކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން މިފަހުން ފާސްކުރި ނިޒާމީ ވޯޓެއް ނެގުމުގެ ކަންކަމުގައި ކުރިއަށްދާނެ ގޮތަކާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަންކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކި އަތަކަށް ނާރާގޮތަށް ނިންމާފައި އޮތުމުން އެގޮތުގައި ތިއްބަވާނެކަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ވަކި އަތަކަށް ނޭރިނަމަވެސް ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއީދުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ރައީސް ސޯލިހު ނަޝީދުގެ ތާއީދު ހޯއްދަވަން އުޅުއްވާއިރު، އެމަނިކުފާނު ކުރިން ވިދާޅުވީ ޑިމޮކްރެޓްސްގެ ތާއީދު މުހިންމު ނޫން ކަމަށެވެ.