ކޯރަމް ހަމަނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމަވާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައި ވަނީ 09:00 ގައި ނަމަވެސް ކޯރަމް ހަމަނުވުމުން ގަޑިއަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށާއި ޖަލްސާ ފެށުމަށް ބޭނުންވަނީ އިތުރު ދެ މެންބަރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ހަފްތާކަމަށް ވުމުން ސިޔާސީ ޕާޓީތަކުން ކެމްޕޭން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

”އެ މަސައްކަތުގައި އުޅުމަކީ މި މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ކަންބޮޑު ވަނީ ކުޑަދަށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީވެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނެޓު ފަހަނައެޅި އިރު ވެސް ކޯރަމް ހަމަނުވުމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ގަސްދުކުރަނީ އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.