ކަނޑު އަޑިންނާއި، އެކި ގޮތްގޮތުން ދީފައި ހުރި ގޯތިތައް ހަގީގަތަކަށް ހަދައިދޭނީ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި އިއްޔެ ދޮރުން ދޮރަށް ހިންގެވުމަށް ފަހު، ގަލޮޅުކަންމަތީގައި ބޭއްވި އެއްވުމުގައެވެ.
މުއިއްޒު ވިދާޅުވީ، މާލޭގެ ހުރިހާ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އޮންނަ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
“ކަނޑުއަޑިންނާއި އެކި ގޮތްގޮތުން ދީފައިހުރި ގޯތިތައް ހަގީގަތަކަށް ހަދައިދޭނީ އަޅުގަނޑުމެން.“
މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއް އަދި އިއްޒަތެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވއ.
”އެހެންވީމާ ރައްޔިތުންނަށް މިކަން ކޮށްދޭންވާނީ އަމާނާތްތެރިކަމާއިއެކު. އެކަން އަޅުގަނޑު ކޮށްދޭނަން.“
މުއިއްޒު ވަނީ، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވަރަށް ފޯރިއާއިއެކު ނުކުންނަވައި އިތުރަށް ވޯޓު ހޯއްދަވައިގެން މިކަން އެމަނިކުފާނަށް ކާމިޔާބުކުރައްވަން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ު
