ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ޖުޑިޝަރީ ވާނީ ޙަޤީޤީ މާނާގައި މިނިވަން ޖުޑިޝަރީއަކަށް ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ގަލޮޅުކަންމަތީގައކ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، ޝަރީޢަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފައެވެ.

”އަދި(ނުފޫޒު) ފޯރުވުމުގެ ފުރުޞަތެއްވެސް ނުދޭނަން. އަދި އެފަދައިން ޢަމަލުކޮށްފިކަން އެނގޭ މީހުން ވަޒީފާއިން ވަކިކުރާނަން. އޭރުން ރައީސް ޔާމީނު ވެސް މިނިވަންވެ ވަޑައިގަންނަވާނެ. އަދި ރައީސް ނަޝީދަށްވެސް އިންސާފު ލިބިވަޑައިގަންނަވާނެ.“ މާލޭގެ މޭޔަރު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޮޑެއް ކުޑައެއް ބެލުމެއްނެތި، މޮޅުމީހެއް ދެރަމީހެއް ބެލުމެއްނެތި، ޢަދުލުވެރިކަމާއިއެކު އިންސާފު ލިބިގެންދާނެ ކަމަށާއި، އިންޞާފު ޤާއިމު ކޮށްދެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް މިނިވަން މާޙައުލެއް ހޯދައިދެއްވާނެ ކަމަށެވެ.

”އަޅުގަނޑުމެންގެ މުސްތަޤިއްލު މުއައްސަސާތަކަކީ ހަމައެކަނި ޤާނޫނުން މިނިވަން ޖަހާލައިފައި އޮތް އޮތުމުގެ ބަދަލުގައި ޢަމަލީ ގޮތުން މިނިވަން މުސްތަޤިއްލު ތަންތަނަށް ހަދާނަން. އެތަންތަނަށް ނަން ފޮނުވާ މީހުންނަކީ ކަމަށް ޤާބިލް މީހުން ކަމުގައި ވާނެ.“

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ރައްޔިތުންނަށް މަޢުލޫމާތު ހޯދަން ދައްޗެއް ނުވާނެ ކަމަށާއި، ދެފުށް ފެންނާނެ ކަމަށެވެ. އަދި ދެފުން ނުފެންނަގޮތަށް މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ނުބަހައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.