އުތުރު ތިލަފަޅުގައި އަޅަމުންދާ އެމްއެންޑީއެފްގެ ”އެކަތަ ބަނދަރު“ ގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިފާއުކޮށް، ޕްރޮމޯޓު ކޮށްދޭ މީޑިއާތަކަށް އެކަނި ދައުވަތު އެރުވުމުން، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވުމުން، އުތުރު ތިލަފަޅުން ގޯތި ދޭން ނިންމައި، ގޯތި ދޭނީ ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން 251 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ދެއްވި ދައުވަތާއި ގުޅިގެން، ބައެއް ނޫސްވެރިން އޭގެ އަނެއް ދުވަހު، އުތުރު ތިލަފަޅުން ގޯތި ދޭ ސަރަހައްދު ބެލުމަށް ދިޔައެވެ. ހުއްދަ ނެތި އެތަނަށް ދިޔަ ކަމަށް ބުނެ، މިކަމާއި ގުޅިގެން ގައުމީ ދިފާއީ ބާރުން ބަޔާން ވެސް ނެރުނެވެ.

އެ ބަޔާނުގައި ނޫސްވެރިންނަށް ދައުވަތު ދީގެން އުތުރުތިލަފަޅު ދެއްކި ކަމަށް ބުނިއިރު، އެތަނަށް ދިޔުމުގެ ފުރުސަތު ދިނީ ސަރުކާރު ޕްރޮމޯޓް ކޮށްދޭ މީޑިއާތަކަށް އެކަންޏެވެ. މިކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.