ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ސޯޝަލް ހައުސިންގެ ކުލި ދައްކަން އުނދަގޫވެގެން ޖޫރިމަނާ އަރާފައިވާ ހުރިހާ އެންމެންގެ ޖޫރިމަނާ މަޢާފްކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފޭސް އެކެއްގައި މިއަދު ބޭއްވި ކަންމަތީ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ސޯޝަލް ހައުސިންގެ ދަށުން ނުދެއްކި ހުރި ކުލި ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
”ގެދޮރުވެރިކަން ފަސޭހަކޮށްގެން މެނުވީ އިޖުތިމާޢީ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ. އެހެންވެ އަޅުގަނޑުމެން މި ހުށައަޅަނީ ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް މާލެ ސަރަޙައްދުން 65،000 ގެދޮރު ހަމަޖައްސަން.“ ރައީީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުޢިއްޒު ވިދާޅުވިއެވެ.
މި ވާހަކަ އޮޅުވައިލައިގެން ފަތުރާ ކަމަށް ވިދާޅުވެ، ގްރޭޓަރ މާލެ ސަރަޙައްދު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިގެން އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި ގެދޮރު ބިނާކުރުމަށް މަސައްކަތްކުރާނެ ވާހަކަ ދަންނަވާފައިވާނެކަން ވެސް އެމަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.
”އެއީ ފުށި ދިއްގަރު ފަޅުގެ 900 ހެކްޓަރާއި ގުޅީފަޅުގެ ބާކީ ހިއްކެން އޮތް ގާތްގަނޑަކަށް 260 ވަރަކަށް ހެކްޓަރުގެ ބިން އަދި ގިރާވަރު ފަޅުން ހިއްކެން އޮތް ގާތްގަނޑަކަށް 125 ހެކްޓަރުގެ ބިން މިހާރު ހިއްކާބަޔަށް އިތުރުކޮށްގެން ބިންހިއްކާ އެތަނުގައި ގެދޮރު އިމާރާތްކުރަން ފަށާނެ ވާހަކަ.“
އެތަންތަން ހިއްކަން ފައިނޭންސް ހޯދާނީ ކޮންޓްރެކްޓަރ ފައިނޭންސް އާއި އިންވެސްޓަރ ފައިނޭންސް ފަދަ މެކޭނިޒަމްގެ ތެރެއިންނާއި ސީދާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
