ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫން، އިދިކޮޅު މައި ޕާޓީ، ޕީޕީއެމާއި ގުޅިވަޑައިގެންފިއެވެ.

މިއަދު ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ދުންޔާ ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވައި، އެ ސޮއި ކުރެއްވި ފޯމު އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ހަވާލުކުރައްވާފައެވެ.

މީގެ ކުރިން ޕީޕީއެމް އާއި ޑީއާރްޕީގެ އުޅުއްވި ދުންޔާ އަކީ ފާއިތުވި ސަރުކާރުތަކުގެ އިސް އަދި މުހިންމު މަގާމުތައް އަދާ ކުރައްވާފައިވާ ސިޔާސީ ގޮތުން ފުންނާބު އުސް ކަނބަލެކެވެ.

އެގޮތުން، އަދާކުރެއްވި މަގާމު ތަކުގެ ތެރޭގައި 2013 އިން 2016 އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި، 2012 އިން 2013 ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، 2006 އިން 2008 އަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ހިމެނެއެވެ.