ކޮންމެ ގަޑިއެއްގައި، ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރެއްވިޔަސް، ޕީޕީއެމް/ޕީއެންސީއަށް ވަރަށް ޖޯޝާއިއެކުގައި ރައްޔިތުން ކިޔާ މަރުހަބާއިން އެނގެނީ ގައުމަށްޓަކައި އެ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފު(ސެމްބެ) މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ސެމްބެ މިއަދު ވަނީ ކ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރާތްކުރައްވައި، ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފައެވެ. އެމަނިކުފާނަށް ރަށްރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ކ.ހުރާގައި ބޭއްވި ބައްދަލުވުގައި ސެމްބެ ވިދާޅުވީ، ރައްޔިތުންގެ އަރިހަށް ވަޑައިގަތުމުން، ޖެޓީތަކުން ރައްޔިތުން ހާމަ ކުރާ ޝުއޫރުތަކުން، ގައުމާއި، އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި މެދުގައި ވެސް، ރައްޔިތުން ވިސްނާ މިންވަރު ހާމަވެގެންދާ ކަމަށެވެ.

”އެ ލޯތްބާއި، އެ ގަދަރާއި، އެ އިހްތިރާމް، ތިޔަ ބޭފުޅުން ވަނީ އިތުބާރާއިއެކު، ޑރ.މުއިއްޒުއަށް (އިންތިހާބުގެ) ފުރަތަމަ ބުރުގައި ދައްކަވާ ދެއްވާފައި.“ ސެމްބެ ވިދާޅުވިއެވެ.

 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފު/ ފޮޓޯ: ޕީޕީއެމް

 

ސެމްބެގެ ވާހަކައިގައި ރާއްޖެ ދަރަނިވެރިވެފައިވާކަން ފާހަގަކުރައްވައި، އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ބަނގުރޫޓުވެގެންދާނެކަމަށް ވިދާޅުވެ، ކަންބޮޑުވުންފާޅު ކުރެއްވިއެވެ. ހުރާގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ، އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒުއަށް ވޯޓު އިތުރު ކުރަން މަސައްކަތް ކޮށްދިނުމަށެވެ.