ވީރާނާވަމުން އަންނަ އިޖްތިމާއީ ފޭރާން އިޔާދަ ކުރުމަށާއި، މާދަމާގެ މުސްތަގްބަލު ކަމުގައިވާ ތުއްތު ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، ވަރަށް މުހިންމު ވައުދެއް ވެވަޑައިގަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ލ.ގަމުގައި ބޭއްވި ޖަލްސާގައި މުއިއްޒު، މި ވައުދު ތަކުރާރު ކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ގައުމިއްޔަތާއި ތަރުބިއްޔަތަށް ހާއްސަ މާއްދާއެއް މަދަރުސާތަކުގައި އުނގަންނައިދޭން ފަށާނެ ކަމަށެވެ.

މިއީ ގައުމާއި ދީނަށް ލޯބި ޖައްސުވައި، ކުރީގެ ދިވެހީންގެ ރިވެތި ސިފަތައް އަލުން އަނބުރާ މުޖްތަމައުއަށް ގެނައުމުގެ މަގްސަދުގައި ކުރާނެ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ކުރީ ޒަމާނުގަ ދިވެހީންނަކީ ވަރަށް ރީތި، ވަރަށް ރިވެތި އުސޫލުތަކެއް ފޮލޯ ކުރާ، އެގޮތަށް އަމަލު ކުރަމުން އައި ބައެއް. އެކަކު އަނެކަކަށް އިހްތިރާމް އަދާ ކުރާ ބައެއް. ހިނިތުންވުމާއިއެކީގައި ވާހަކަ ދައްކަމުން އައި ބައެއް. އެކަން އަނބުރާ، މި ގައުމަށް ގެނެވިގެން ނޫނިއްޔާ، ހަގީގީ މާނައިގައި ތަރައްގީއެއް ނާންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ހިތުގައި ދިވެހި ގައުމާއިމެދުގައި އެއްވެސް ލޯތްބެއް ނެތި، ދިވެއްސަކަށް ވީތީ ފަހުރުވެރި ނުވެވޭނަމަ، ރަށްރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

”ދިވެހީންގެރާއްޖެ އަކީ، ބޮޑުތަކުރުފާނު ޖިހާދު ކުރައްވައިގެން ހޯޯއްދެވި ރާއްޖެއެއްކަން، ދޮންބަންޑާރައިން ޖިހާދު ކުރައްވައިގެން ހޯއްދެވި ރާއްޖެއެއްކަން، ޝަހީދު ހުސެއިން އާދަމް ޖިހާދު ކުރައްވައިގެން ހޯއްދެވި ރާއްޖެއެއްކަން، އަޅުގަނޑުމެންގެ ހިތުގެ ތެރޭގަ، ބިންވަޅު ނުނެގެންޏާ، ތަރައްގީގެ ބޭނުމެއް ނެތް.“ ގައުމިއްޔަތު، މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ޖެހޭ ސަބަބު ހާމަކުރައްވަމުން، މުއިއްޒު ވިދާޅުވިއެވެ.

 

މުއިއްޒު ވިދާޅުވި ގޮތުގައި، މި މަހުގެ 30 ވަނަ ދުވަހު ނަގާ ވޯޓުގައި ރައްޔިތުންނަށް އޮތީ ދެ ގޮތެކެވެ. އެއީ ގައުމިއްޔަތު ފޮހެލުމުގެ ”އޮޕްޝަން“ އާއި، ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ ”އޮޕްޝަން“ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.