ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ، ލ.ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ސަރުކާރުމް އެކުލަވާލާ ޓީމުގައި ތިއްބަވާ ބޭފުޅުންވެސް ވާނީ ޖަވާބުދާރީވާ ބަޔަކަށް ކަމަށާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައް ޙަޤީޤީ މާނައިގައި ނުފޫޒުން އެއްކިބާކޮށް މިނިވަންކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ޒުވާނުން ބާރުވެރިކޮށް ޒުވާނުން ޒިންމާދާރުކުރާނަން.“

މުއިއްޒުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގު ފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ، އެމަނިކުފާނު އިސްވެ އެމީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

”އިޚްލާސްތެރި ތެދުވެރި މަސައްކަތެއް ކުރުމަށް މެނުވީ އެއްވެސް މީހަކަށް އަޅުގަނޑުގެ ޓީމަކަށް ނާދެވޭނެ.“

 

ބޭނުންވަނީ އަމާނާތްތެރިކަމާއި އެކު ސީރިއަސް މަސައްކަތެއް ކޮށް ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށްކަން ފާހަގަކުރައްވައި، މާލޭގެ މޭޔަރު ވިދާޅުވީ، އެންމެ މުހިންމު ކަމަކީ މި ޤައުމުގެ މިނިވަންކަން ޔަގީން ކުރުން ކަމަށާއި، އެންމެ ފުރަތަމަ ދުވަހު ޑިޕްލޮމަސީގެ ރިވެތި އުސޫލުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުންކޮށްގެން މިނިވަންކަން ޙިމާޔަތްކޮށްދެއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.