އުރީދޫ މޯލްޑިވްސްގެ ޒަމާނީ އާ އޮފީސް އިމާރާތް ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

Ads by Asuru

އުރީދޫގެ އާ އޮފީސް އިމާރާތް ހުޅުވަން ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ގާއިމްކުރުން ކަމަށެވެ.

ރޭ ހުޅުވިގެން މި ދިޔަ އުރީދޫ އާ އޮފީހާއެކު އެ ޚިދުމަތްތައް ދިނުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ޚަމާދީ ވިދާޅުވިއެވެ.

”މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. މިއީ އަޅުގަނޑުމެންގެ ކުންފުނިން ދޭ ޚިދުމަތަށް ލިބިގެން ދާނެ އިތުރު ފުރިހަމަކަމެއް.“ ޚަމާދީ ވިދާޅުވިއެވެ.

އެކަން ކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޚަމާދީ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ޗައިނާގެ ސީސީއީސީ ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީ ކުރި އެ އިމާރާތުގައި ބޭސްމެންޓު ހިމެނޭހެން 11 ބުރި ފަންގިފިލާ ހިމެނެއެވެ.

އެ އިމާރާތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ ގޮތްތަކެއް ވަނީ ގާއިމްކޮށްފައެވެ.

އުރީދޫގެ އާ އޮފީސް އިމާރާތުގައި މުވައްޒަފުންނަށް ހާއްސަ ކުއައިޓް ރޫމް، ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ހޭންގްއައުޓް އޭރިއާއެއްގ ހޭންގްއައުޓް އޭރިއާ ކެފޭގެ ޚިދުމަތްތައް އަދި މުވައްޒަފުންނަށް ހާއްސަ ޖިމްއެއް ވެސް ހިމެނެއެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދީގެން ތަރައްގީކޮށްފައިވާ އެ އިމާރާތުގެ ބޭރުގައި ބޭނުން ކޮށްފައި ވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިއެވެ. މީގެއިތުރުން، ތާޒާ ވައި ދައުރުކުރުމަށް ހާއްސަ ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓު ސިސްޓަމެއް ވެސް އެ އިމާރާތުގައި ހުރެއެވެ.