ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަށްޓަކައި ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަށް މިނިސްޓްރީގެ ފަރާތުން ހުށަހަޅަން ބޭނުންވާ އިސްލާހުތައް މި ހަފްތާ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
”އެހެންވީމަ މި ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ އޭޖީ އޮފީހަށް އަޅުގަނޑުމެން ފޮނުވާ ގޮތަށް، މިހާރު އޮތީ އެމެންޑްމެންޑްސް ނިންމާ މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާ ކުރުމަށް ވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަންނަމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ އެސޯސިއޭޝަންތަކުގެ ގަވާއިދުތައް ފުށުނާރާ ގޮތް ހެދުން މުހިންމު ކަމުގައެވެ.
އަދި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި، އެސޯސިއޭޝަންތައް އެފިލިއޭޓްވެފައި ހުންނަ މައި އިދާރާގެ ގަވާއިދުތަކާއި ސްޕޯޓްސް ކޮމިޝަންގެ ގަވާއިދުތަކާ ފުށުނާރާ ގޮތަށް ބައްޓަން ކުރުމަކީ ޖުމްލަ ހައްލު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

