ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މުވައްޒަފަކު މަސައްކަތްކުރާ ރިސޯޓަކާއި އެންމެ ކައިރި ރަށަކުން ގެދޮރު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، ރޭ ވައުދުވެވަޑައިގެންފިއެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވައި، ވަޒީފާގެ ފުރުސަތުތައް ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް، އެންމެ ކައިރި ރަށަކުން ހައުސިން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގޭ ހައުސިންގ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ ކަމެއް.“
އޭވިއޭޝަން އިންޑަސްޓަރީގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތްފާހަގަކުރައްވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ، އެ ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮގޮތް ތަކެއް ހަދައިދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
