އެއްވެސް މީހެއްގެ ޙައްގަކަށް ދުވަހަކުވެސް އަރައިގެންފައި ނޯންނާނެ ކަމަށާއި، އަރައިނުވެސް ގަންނަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުއާ ގުޅުވައިގެން، ވާދަވެރިން ޕްރޮމޯޓް ކުރާ ޓީވީންނާއި އޮންލައިން ނޫސްތަކުން ފަތުރަމުން އަންނަ ވާހަކަތަކަށް، ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ރައްދު ދެއްވައި ވިދާޅުވީ، އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ވެސް ނުވާނެ ކަމަށެވެ.
”މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ. ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ބައްލަވަންވީ. އެގޮތަށް ބަލައިފިނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެ.“ މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޒާތީ ގޮތުން ދިމާކުރުމަކީ ކެމްޕެއިން ކުރުމެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ކަންކަން ހުށައެޅުމަށް. އަޅުގަނޑު މިކުރަނީ އެކަން.“
މުއިއްޒުގެ ވާހަކައިގައި، މި ގައުމަށް ހަމަޖެހުން ގެނެސްދެއްވައި، ހުރިހާ މާނައެއްގައި އިންސާފުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އަދުލުވެރިކަމާއި އެކުގައި މެނުވީ އެއްވެސް ރައްޔިތަކާއި ދޭތެރޭގައި ކަންކަމެއް ނުކުރައްވާނެ ކަމަށާއި، ބަދަލު ހިފުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެމަނިކުފާނުގެ ދޮންމަންމަގެ ހައްގަށް އަރައިގަތް ކަމަށް ބުނެ، ސަރުކާރު ޕްރޮމޯޓް ކުރާ މީޑިއާތަކުން އިއްޔެ ވަނީ ވީޑިއޯ ރިޕޯޓެއް އާއްމުކޮށްފައެވެ. މި ވީޑިއޯއާއި ގުޅިގެން، އާއްމުންގެ ފާޑު ކިޔުން އަމާޒުވީ ސަރުކާރަށެވެ.
