ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރުންކަމަށް، ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިމިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިންކުރަމުން ދިޔަ އެމްޑީއޭއިން ރޭގެ ވަގުތެއްގައި ކޯލިޝަން ރޫޅާލުމުންނެވެ. އެމްޑީއޭ އިން ނިންމީ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި މުއިއްޒުއަށް ތާއީދު ކުރުމަށެވެ.
މިކަމާއި ގުޅިގެން އަލީ ރަމީޒް ވިދާޅުވީ، މިހާރު މިސަރުކާރަށްވެސް އޮތް އެންމެ ބުއްދިވެރިގޮތަކީ މުއިއްޒަށް ތާއީ ދުކުރުންކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަށް އިއުލާނު ކުރުންކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 40 އިންސައްތަ ވޯޓު ވެސް ލިބިވަޑައިގެންފައެއް ނުވެއެވެ.
