ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނުނު އެމްޑީއޭއިން ނިންމުމާއި ގުޅިގެން، އެ ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ކޯލިޝަން ރޫޅާލައި 2 ވަނަ ބުރުގައި ޑރ.މުއިއްޒުއަށް ތާއީދުކުރަން އެމްޑީއޭއިން ނިންމާފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.
ކައުންސިލަށް މިހުށަހެޅުން ހުށަހެޅުއްވީ މެމްބަރު މުހައްމަދު އައްބާސްއެވެ. އޭނާގެ ހުށަހެޅުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ނިންމުމާއި ގުޅިގެން، އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކޯލިޝަންގެ އަދި ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރައްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމެވި ނިންމެވުން މިކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
އަދި އެމްޑީއޭއިން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ، އެކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފާއި، ކޯލިޝަންގެ ލީޑަރޝިޕާއި ޢާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.
