އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކުރައްވާނީ، ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭ ގޮތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރޭ އައްޑޫ ސިޓީ ހުޅުދޫގައި ވާހަކަ ދައްކަވަމުން، މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ހުރިހައި މާނައެއްގައި ރައްޔިތުންނަށް އިތުބާރު ލިބޭ ފެންވަރަށް މިނިވަން ތަންތަނަށް ހެދޭނެކަމުގައި ދަންނަވާފައިވާނެ ކަމަށެވެ.

”އަޅުގަނޑުމެންގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގައި ގެންގުޅޭނެ ހުރިހައި ސިޔާސަތެއް މިހާރު ވާނީ ހާމަކޮށްފައި. ރާއްޖެ ތަރައްގީ ކުރާނެ މުޅި މާސްޓާރ ޕްލޭނާއި އޭގެ ތެރެއިން އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދާނެ ކަންކަން ވާނީ ބަޔާންކޮށްފައި. މި މަގުން ކަންކަން ގެންދަން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން.“ މުއިއްޒު ވިދާޅުވިއެވެ.

ގައުމިއްޔަތު ހިމާޔަތްކޮށް، ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި ޖައްސާނެ ގޮތް ވެސް ބަޔާންކޮށްދެއްވައިފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއްވެސް ރަށެއްގައި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށާއި، ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއެއް ނަމަ، އަލުން ފަށައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

”ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ހިނގާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދޭނެ ވާހަކަ ވާނީ ދަންނަވާފައި.“

މީގެ އިތުރުން، ސިޔާސީ ވަޒީފާއަކުން ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނެ ވާހަކަ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.