ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަށްވުރެ އިސް ސިޔާސަތެއް ނޯންނާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއިން ގެނެސްދިން ”ރައްޔިތުންގެ ގާތަށް“ ޝޯގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނާނީ، މިނިވަންކަން ޔަގީން ކުރުމުގެ މައްޗަށް ކަމަށެވެ. މިނިވަންކަން ކަށަވަރު ވުމަކީ، ހަމައެކަނި ދިވެހިރާއްޖެއަށް ވީތީ ހާއްސަވާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެވާހަކަ ދެއްކީމަ، އެއީ މާ ބޮޑު ކަމަކަށް ވެގެން އެހެން ބަޔަކު އުޅޭކަށް ނުޖެހޭ، މިތަނުގަ އަޅުގަނޑުމެންގެ ހުއްދައަކާނުލާއެއް ނޫން ބޭރުގެ ސިފައިން މި ތިބީކީއެއް. މި ސަރުކާރުން ހުއްދަ ދިނީމަ، އައިސް އެ ތިބީ.“ އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އަސްކަރީ ބޭނުމެއްގައި ނޫން ކަމަށް ބުނެ ވިޔަސް، ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ކަމާއި ބެހޭ އެހެން ފަރާތްތަކުން ވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
”އެހެންވީމަ، މިތަނުގަ އެބަތިބި ބޭރު ސިފައިން. އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، ދިވެހި ރައްޔިތުންނަކަށެއް.“
މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައިގައި އޮންނާނީ ނެގޯޝިއޭޓް ނުކުރެވޭނެ ޕޮލިސީއެއް ކަމަށެވެ.