އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ފަރުވާ ދެވޭ ހޮސްޕިޓަލަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން ”ރައްޔިތުންގެ ގާތަށް“ ޝޯގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށާއި، އެ ތަނަކީ ދުނިޔޭގެ ފެންވަރުގެ ސިއްހީ ފަރުވާދޭ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
”ކެންސަރަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތް ދެވޭ ނިޒާމްތައް މި ހޮސްޕިޓަލުގައި(ދަރުމަވަންތަގައި) ގާއިމް ކުރާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އިންޓަރނޭޝަނަލް އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުން ކްލިނިކްތައް ގެނެސް އެމްޕެނެލް ކުރެވިފައިވާ ތަނަކަށް ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް ހައްދަވާނެ ކަމަށާއި، އުތުރުން ހދ.ކުޅުދުއްފުށީ ހޮސްޕިޓަލާއި ދެކުނުން ސ.ހިތަދޫ ހޮސްޕިޓަލުން، ކެންސަރު މުހިންމު ބަލިތަކަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތްދެވޭ ގޮތް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
