ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިދިކޮޅު ފަރާތްތަކުން ސިހުރު ހަދާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ތުހުމަތު ކުރައްވައިފިއެވެ.

އިޔާޒު ނިސްބަތްވެވަޑައިގަންނަވާ ދާލަތު ޕާޓީން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެެއްގައި ސިޔާސީ ވާދަވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ސިހުރު ހަދާކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ބުނެފައިވެއެވެ.

އަދި އެކަމާ ގުޅުވައި އަދާލަތު ޕާޓީގެ މެމްބަރު، އިޔާޒް ސިހުރާ ބެހޭ ގޮތުން ދެއްވާފައި އިރުޝާދެއް ވީޑިއޯއަކާ އެކީ ހިއްސާކޮށްފައިވެއެވެ.

އޭގައި އޭނާ ވިދާޅުވީ ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމް ދީނުގައި ހަރާންކޮށްފައިވާ ސިހުރުގެ އެހީތެރިކަން ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

އިޔާޒް ވިދާޅުވި ގޮތުގައި އެފަދަ ކަންކަންކުރާ މީހުން ދީނުން ބޭރުވެގެން ދާނެ ކަމަށެވެ. ސަބަބަކީ ސިހުރަކީ ކުފުރުގެ އަމަލަކަށްވުން ކަމަށް ވެސް ވިދާޅުވިއެވެ.

މިފަދަ ތުހުމަތެއް އިޔާޒު ކުރެއްވިއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިލެއްވިއެވެ.