އިދިކޮޅު ލީޑަރު، ރައީސް ޔާމީން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދޮގު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ވަގުތު ކުޑަތަންވެފައިވަނިކޮށް، ރައީީސް ޔާމީން މުއިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަމަށް ބުނެ، ”ދިޔަރެސް.ނެޓް“ގެ ނަމުގައި ހަދާފައިވާ ފޭކް ވެބްސައިޓަކުން މިރޭ ވަނީ ޚަބަރެއް ޝާއިއުކޮށް ފަތުރައިފައެވެ.

މިކަން ދޮގުކޮށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ބޭފުޅުން ސޮއި ކުރައްވައި، ނެރުއްވި ބަޔާން، ތިރީގައި އެވަނީއެވެ.

ރައީީސް ޔާމީންގެ ވަކީލުން ނެރުއްވި ނޫސް ބަޔާން

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންގެ ގްރޫޕަށް ފޮނުއްވި ކަމަށް ބުނެ، ފޭކު މެސެޖުތަކެއްވެސް މިރޭ ދައުރު ކުރިއެވެ. އިދިކޮޅުން ވަނީ، އެއީ އަސްލެއް ނޫންކަން ވެސް ޔަގީން ކޮށްދީފައެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި، ކެމްޕެއިން ކުރުމުގެ ބަދަލުގައި، އެމްޑީޕީން އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ، އެ ޕާޓީއަށް ތާއީދު ކުރާ ބައެއް މެމްބަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.