ވީހައިވެސް އަވަހަށް ރައްޔިތުން ނުކުމެ ވޯޓުލުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މުއިއްޒު މިކަމަށް އެދިވަޑައިގެންފައި ވަނީ، މިއަދު ވޯޓުލެއްވުމަށް ފަހުގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ދެވަނަ ބުރުގައި، ވޯޓުލުމުގެ ފުރުސަތު 5:00އަށް އޮތް ކަމުގައި ވިޔަސް، ލަސް ނުކުރައްވައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެންމެހައި ރައްޔިތުން އެ ހައްގު އަދާ ކުރުމަށް އެމަނިކުފާނު އެދިލެއްވިއެވެ.
މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށައިގެން ކުރިއަށްދާއިރު، އަބޫދާބީ އަދި ޔޫކޭ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީީސް އިސްމާއީލް ހަބީބު ދެންމެ ވިދާޅުވީ، ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓު ލައްވަމުންދާ ކަމަށެވެ.
މި އިންތިހާބުގައި މުއިއްޒުއާއި ވާދަ ކުރައްވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އަދި ވޯޓު ނުލައްވައެވެ.
