ލ.ފޮނަދޫގެ 3 ނަންބަރު ވޯޓުފޮއްޓަށް ވޯޓު ލާން ދިޔަ މީހަކަށް ކުރަހާފައިވާ ވޯޓު ކަރުދާހެއް ދީގެން، ވޯޓު ބާތިލު ކުރަން އުޅެފިއެވެ.

ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ދެއްވުމަށް ވަޑައިގެންނެވި، އެ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖުގެ ބައްޕާފުޅަށް ދިން ކަރުދާހުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގެ އެއް ފަރާތުގައި ނޫ ކުލައިގެ ގަލަމަކުން ރޮނގެއް ވަނީ ޖަހާފައެވެ.

މޫސާ ސިރާޖަކީ، އެމްޑީޕީ ދޫކުރައްވައި، ޕީޕީއެމާއި ގުޅިވަޑައިގެންނެވި މެމްބަރެކެވެ.

މައްސަލަ ދިމާވި ފޮށީގެ ވޯޓުލުން މެދުކެނޑުނީ، މިކަމުގެ ޝަކުވާއާ އެކުއެވެ.

މިކަމާ ގުޅުގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް  ދީފައިވާކަމަށެވެ.

ނަމަވެސް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި އޮފިޝަލުންނަށް ވޯޓުކަރުދާހުގައި ފާހަގައެއް ޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ވޯޓުލާން ފަށާފައިވާކަމަށްވެސް އީސސީން މައުލޫމާތުދެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282804 މީހުންނަށް ލިބިގެންވެއެވެ. އޭގެތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 126،866 މީހުނެވެ.