އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ގެންދަނީ ތަންފީޒު ކުރައްވަމުންނެވެ.
އެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު، މިރޭ ފުރަތަމަ ފަހަރަށް މީޑިއާއަށް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް“
މުއިއްްޒު ވިދާޅުވީ، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަަމަށެވެ. އަދި އެއީ ރާއްޖޭގެ މަސްހަލަތަށްޓަކައި އެންމެން ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
