އިއްޔެގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޖގެ މައްޗަށް ކުރި ހޯއްދެވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއެވެ.

މުއިއްޒުގެ މިކާމިޔާބީއާއި ގުޅިގެން ގިނަ ބަޔަކު މަރުހަބާ ދަންނަވަމުންދާ އިރު ރޮޒޭނާ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެއް ނުވެއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން އިއްޔެ ނިންމި ނިންމުމާއިމެދު ލަސްތަކެއް ނުވެ ހިތާމަ ކުރާނެކަމަށެވެ.

”ރައިސް އިބޫ ވަރުގެ އޯގާތެރި ހެޔޮވެރިއެއް މި ގައުމު ނުދެކޭ ކަމަށް މިރާއްޖޭގެ ރައްޔިތުން އެއްއަޑަކުން ކިޔާދުވަސް މާލަހެއް ނުވާނެ.“

އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ ހުރިހާ ރައްޔިތުންނާ އަޅާލާ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް ކަމަށާއި، އިއްޔެގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ ކަމަށެވެ.

އިންތިހާބުގައި މުއިއްޒުއަށް ލިބިވަޑައިގަތީ، 127586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިިހު އަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95އެވެ.