އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފަންސާސް އިންސައްތަ ތާޢީދު އެމަނިކުފާނަށް އޮތްނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވިއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވީ، ރައީީސް ނަޝީދު އެ ޕާޓީ ރޫޅައިލެއްވުމުން ކަމަށް އެ ޕާޓީގެ ސަޕޯޓަރުން ދެކެއެވެ.

ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަމް ޝައުގުވެރިކަން ފާޅުކުރެއްވީ،  އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި މެސެޖެއްގައެވެ. މިއާއެކު ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.

ޤައުމީ މަޖިލީހަށް ފައްޔާޒް ފޮނުއްވި މެސެޖުގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އަޅުގަނޑު އެމްޑީޕީއާއި ގުޅެން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒްގެ މި މެސެޖަށް ކުރެއްވި ރިޕްލައިގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެެއަރޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ އެކަމަށް ތާއީދު ނުކުރައްވާކަަމަށެވެ. ނަމަވެސް ގައުމީ މަޖިލީހުގެ އެހެން ބައެއް މެންބަރުން އެކަމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ.