ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސް ކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށް ފަހުގައި، ފުރަތަމަ ފަހަރަށް ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ ވަކި ސިޔާސީ ލީޑަރަކާއި ޕާޓީއަކަށްވުރެ ޤައުމު ބޮޑު ކަމަށާއި، މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެގި ވޯޓުން ވެސް ރައްޔިތުން ބުނެދިނީ އެ ވާހަކަ ކަމަށެވެ.
”ރައްޔިތުން ތިޔަ ވިދާޅުވީ، މި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދޭ ސަރުކާރެއް ބޭނުންވާ ކަމަށް. އަޅުގަނޑުމެންގެ ކަންކަން، މި ފަސް އަހަރު ދިޔަ ސްޕީޑްގައި ދާން ބޭނުން ނުވާ ކަމަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހޭނެ ފަރާތަކާއި ވެރިކަން ޙަވާލު ކުރަން ރައްޔިތުން ބޭނުންވާ ކަމާއި، ގެދޮރުވެރި ކަމަކީ އަސާސީ ޙައްޤެއް ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ވާހަކަ ރައްޔިތުން ވެސް ޤަބޫލު ކުރާކަން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ހާމަވެފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ ޤައުމުގެ ހަމަޖެހުން އިސްކުރަން ޖެހޭ ކަމަށާއި، ބަދަލު ހިފުމުގެ ރޫޙު ތާ އަބަދަށް ނެތިގެންދާން ޖެހޭ ކަމަށެވެ.
