ޕީޕީއެމް/ޕީއެންސީގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތު ކަމަށާއި، އެއީ ”ޕްރޯ މޯލްޑިވްސް“ ސިޔާސަތު ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލްސެންޓަރުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ޔަޤީންކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއިއެކު ރައްޔިތުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ވެރިކަމުގެ ހުވާ ކުރައްވަވައި، އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހައި ޤައުމުތަކާ އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނާނެ ވާހަކަ ދަންނަވަން.“ އެމަނިކުފާނު މިހެން ވިދާޅުވުމާއިއެކު، ސޯޝަލް ސެންޓަރުގެ މުޅި ހޯލު، ހޫނު ތަރުހީބުގެ އަޑުން ގުގުމާލިއެވެ.

މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ހުރިހައި ޤައުމަކީ ވެސް ރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިޙްތިރާމް އަދާ ކުރަން ބޭނުންވާނެ، އަދި އެހެން ޤައުމުތަކެކޭ އެއްގޮތަށް މިނިވަންކަން ހިމާޔަތްކުރަން ބޭނުންވާނެ ޤައުމެއްކަން ޤަބޫލުކުރާނެ ޤައުމުތަކަށްވާނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ.
