ދިވެހިރާއްޖޭގައި ޤާއިމުވެ ތިބި ބޭރުގެ ސިފައިން ބާލަން ރައްޔިތުން ގޮވަމުން އަންނަތާ ފަސް އަހަރުވީއެވެ.

”އިންޑިއާ އައުޓް“ ގެ ނަމުގައި ޤައުމުގެ މިނިވަންކަމަށް ލޯބިކުރާ އެތައް ބަޔަކު އެކި ގޮތްގޮތަށް އަޑު އުފުލަމުން ދިޔައިރު، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނި ސަރުކާރުން އެ އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރުގެ އަސްކަރިއްޔާ ޤާއުމުވެ ތިއްބަސް، އެމީހުން ތިބީ ކުލަ ހެދުމުގައި ކަމަށާއި، ހަތިޔާރު ވެސް ނުގެންގުޅޭ ކަމަށް ބުނެ ”މައްސަލަ އޮއްބާލީ“އެވެ. އިންޑިއާ އައުޓް ގޮވަނީ ”ހައެއްކަ ކެނަ“ ކަމަށް ވެސް ބުނީއެވެ. ނަމަވެސް މި އަހަރު މި ނެގި ވޯޓުން ޔަޤީންވެ ދިޔަ ކަމަކީ މަގުމަތިން އެ ފެންނަނީ އަސްލު ސައިޒު ނޫންކަމެވެ. ސަރުކާރުން ވަޒީފާއާއި ޕްރޮމޯޝަނާއި ފައިސާ ދީގެން ބޮޑު ޖަލްސާއަކަށް މީހުން އެއްކޮށްލިޔަސް، އަސްލު ސައިޒު މި ފެނުނީ ރައްޔިތުންގެ އަތަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ބާރު ލިބުމުންނެވެ.

އެ ބާރު ލިބުމުން ރައްޔިތުން މި އެންގީ އިންޑިއާ ސިފައިން ބާލާށެވެ. ޤައުމު މިނިވަންކުރުމަށެވެ. އައްޑު އަތޮޅާއި އ.އ އަތޮޅު ފިޔަވައި، އެހެން ހުރިހައި ރަށަކުން މެޖޯރިޓީ ވޯޓު ދިނީ ބޭރުގެ ސިފައިން ބާލަން ވަޢުދުވެވަޑައުގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއަށެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހުގައި، މުޢިއްޒު ރައްޔިތުންނާއި ސޯޝަލްސެންޓަރުގައި ބައްދަލުކުރެއްވުމުން ވެސް، ޔަޤީންވެ ދިޔައީ ބިދޭސީ ސިފައިން މި ފަސްގަނޑުގައި ތިބެން ދިވެހީން ނޭދޭ މިންވަރެވެ.

”ބޭރުގެ ސިފައިން އިރާދަކުރެއްވިއްޔާމު، މި ޤައުމުން ފޮނުވާލާނަން، ހަމަތަކުގެ ތެރެއިން. އަޅުގަނޑަށް ޔަޤީން އެކަން ހާސިލުވާނެކަން،“ އިންތިޚާބީ ރައީސްގެ މި ވާހަކަފުޅަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔައެވެ.

 

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: އެލީޒް

 

މުޢިއްޒުގެ ވާހަކަފުޅުގައި، ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހީން ނޭދޭ މިންވަރު، އިންތިޚާބުން ބުނެދީފިކަން ފާހަގަކުރައްވައި ދިވެހީންގެ ”ވިލް“ އާއި ދެކޮޅަށް މި ތަނުގައި ނުތިބެވޭނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ އިޙްސާސްތަކާއި ދެކޮޅަށް، އަޅުގަނޑުމެންގެ ވިލްއާ ދެކޮޅަކަށް ނުތިބެވޭނެ މިތާ ބޭރުގެ ސިފައިންނަކަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ، އަޅުގަނޑާއި ބައްދަލުކުރަން އަންނަ ސަފީރަށް ދަންނަވާލަން އޮތީ، ހަމަތަކުގެމަތިން އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުން އޮންނާނޭ.“

 

އިންތިޚާބީ ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަތީފު ކާމިޔާބީއަށް ފަހުގައި، ރައްޔިތުންނާއިއެކުގައި-

 

މުޢިއްޒު އިތުރަށް ވިދާޅުވީ، މައްސަލަ އަކީ ބިދޭސީ ސިފައިން ތިބުން އެކަނި ނޫން ކަމަށާއި، އިޤްތިޞާދު ވެސް އޮތީ އަޅުވެތިކަމުގައި ކަމަށާއި، ރާއްޖެ ވަކި ޤައުމަކަށް ދަރާ ވިކިފައިވާ ކަމަށެވެ.

އެމަނިކުފާނު ދެއްވި ޔަޤީންކަމަކީ، ޑިޕްލޮމެސީގެ އުސޫލުން އަޅުވެތިކަމުގެ މައްސަލަ ޙައްލުވާނެކަމުގެ ޔަޤީންކަމެވެ. އެމަނިކުފާނުގެ ބަސްފުޅުންނަމަ، މި މައްސަލަ ޙައްލުވާނެ ކަމުގެ 100 ޕަސެންޓު ޔަޤީންކަން އެބައޮތެވެ.