ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި އޮތް އެ ބައްދަލުކުރެއްވުން އޮތީ މިއަދު 11:00ގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ ފަރާތުން ޓްރާންސިޝަނަލް ކޮމެޓީގެ ޗެއާމަން އަކަށް ހަމަޖެއްސެވި އަބްދުލްރަހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޖިލީހުގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގައި އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި އިންތިހާބީ ރައީސް ސޮއިކުރެއްވިއެވެ.

ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ދައުރަކީ މުހިއްމު ދައުރެއްކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.