ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ނޫސްވެރިޔާ އައިދާ އަބްދުލްހަކީމް ބުނެފިއެވެ.

މިހާރު ދިޔަރެސް ނޫހުގައި މަސައްކަތް ކުރަމުން އަންނަ އައިދާ، މީގެ ކުރިން ޗެނަލް13ގައި ވެސް މަސައްކަތް ކުރިއެވެ.

އެކަން ހާމަކޮށް އައިދާ ކުރި ޕޯސްޓެއްގައި ބުނީ، ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ އިސްލާޙީ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކޮށް ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވައިދިނުމުގެ ޝައުޤުވެރިކަން ހުރުމުންނާއި، ޕޮލިސީލެވެލްގައި އަންހެނުންގެ ބައިވެރިވުން އޮތުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި އަންހެނުންގެ އަޑު އުފުލުމަށް ޝައުޤުވެރިކަން އެބަހުރި ކަމަށެވެ.

އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް އައިދާ ބުންޏެވެ.

“މިކަމުގައި ތިޔަ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވައި، ތާއީދު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް” އައިދާ ބުންޏެވެ.

މަޖިލީހުގައި އަންހެން މެމްބަރުން ވަރަށް މަދެވެ. މި ހިނގާ ދައުރުގައި ތިއްބެވީ ހަތަރު އަންހެން މެމްބަރުންނެވެ.