މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންފައި ވާތީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާ ހަވާލުކުރައްވަން ނިންމަވައިފިއެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރައީސްކަމަށް އިންތިޚާބުވީ ނަމަވެސް ނޮވެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުގެ މަގާމުގައި ހުންނަވާނެ ކަމަށާއި، މާލެ ސިޓީ މޭޔަރުގެ ޒިންމާތަކާއި މަސައްކަތްތައް މިއަދުން ފެށިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ލީގަލް ޓީމާއި އެލްޖީއޭ މެދުވެރިކޮށް ބެލި އިރު ޑެޕިއުޓީ މޭޔަރު ނަރީޝް އާއި މޭޔަރުގެ ޒިންމާތައް ހަވާލުކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މޭޔަރުގެ ޒިންމާތައް އުފުލެން ނެތީ، ޓްރާންސިޝަން ޕީރިއަޑުގެ މަސައްކަތްތަކަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތައް، ކޮމެޓީތައް ހިނގާގޮތް، ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭންކުރަން.“ މުއިއްޒު ވިދާޅުވިއެވެ.

އަދި މިހުރިހާ މަސައްކަތްތަކެއް ކުރައްވަމުން މޭޔަރުގެ ޒިންމާތައް ފުރިހަމައަށް އަދާކުރަން ވަގުތު ނުދެވުމަކީ މާލޭގެ ރައްޔިތުންނަށް ޙައްޤު ގޮތް ނޫން ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.