ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރއާ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި، އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިޚާބީ ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވައިފައެވެ.

އަދި ޑރ. މުޢިއްޒުގެ ޒަޢާމަތުގައި އިނގިރޭސިވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ސެޕްޓެމްބަރު 30 ގައި ލިބިވަޑައިގަތް ކާމިޔާބަށްފަހު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމުގައި އިނގިރޭސި ސަފީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުންވެސް ދަމަހައްޓަވަމުން ގެންދަވާނެކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަޤީންކަމެއް ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސިވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެކަމަށް ދެއްވި ޔަޤީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ.

އަދި ހުރިހާ ދާއިރާއަކުންވެސް އިނގިރޭސިވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ދިވެހި ޤައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އައު އެތައްކަމެއް އިނގިރޭސިވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ޙާޞިލްވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.