ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް އެއްބާރުލުން ދިނުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާ ސަފީރު މުނޫ މަހާވަރުގެ އަރިހުން އެދިވަޑައިގަންނަވައިފިއެވެ.
މުޢިއްޒު މިކަމަށް އެދިވަޑައިގަތީ، އިންޑިއާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ނައިބު ރައީީސް، ޙުސެއިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުޢިއްޒާއި ހުސެން، އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވީ އިންތިޚާބީ ރައީީސްގެ އޮފީސް ހުންނަ ދިމްޔާތުގައެވެ.
އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި އިންޑިއާއާއެކު އޮންނަ ގުޅުން ސިޔާދަތީ އިޙްތިރާމްގެ އަސާސްތަކުގެ މައްޗަށް އިޔާދަކުރައްވާ، ޒަމާނުއްސުރެ ދެ ގައުމު ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވާ އިތުރު ހަރުފަތަކަށް ގެންދެވުމަށް އުންމީދުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ސިޔާދަތުތަކާ އެއްބަސްވެ އެކަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއެކުވެސް ގުޅުން ބާއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް މުއިއްޒު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.