ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިއެވެ.
ޕީޕީއެމުން ބުނީ އެޕާޓީގެ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އަޣުލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބީ ރައީސް، މުއިއްޒު އިންތިހާބުކޮށްފައިވާ ކަމަށެެވެ. އަދި ޕީއެންސީގެ ނައިބު ރައީސަކަށް އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.
އެދެބޭފުޅުން މަގާމަށް އިންތިހާބުކުރީ ސެނެޓްގެ އަޣުލަބިއްޔަތުންނެވެ.
ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް (އަދުރޭ)އެެވެ. އަބްދުއްރަހީމް ޕީއެންސީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ވެސް ސެނެޓުން ވަނީ ނިންމާފައެވެ.
ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ނައިބު ރައީސަކަށް އިންތިހާބީ ނައިބު ރައީސް ސެމްބެ ހަމަޖެއްސީ ސެނެޓްގެ 50 މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި 40 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
ޕީއެންސީ ސެނެޓްގެ ބައްދަލުވުމުގައި ސެނެޓް ނަންވެސް ބަދަލު ކުރުމަށް ނިންމިއެވެ. އެގޮތުން ޕީއެންސީ ސެނެޓަށް ”މެންބަރުންގެ މަޖިލީސް“ ކިޔަން ވަނީ ފާސްކޮށްފައެވެ.
