ރާއްޖޭގައި އަވަށްޓެރި އިންޑިއާގެ ސިފައިން ތިބެން ދިވެހީން ނޭދޭ ވާހަކަ އެ ޤައުމުގެ ސަފީރަށް ދަންނަވައިފައިވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ވަނީ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާއި ބައްދަލު ކުރައްވައިފައެވެ. ”ދައުރު“ ނޫހަށް އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން ތިބޭ މައްސަލަ ވަރަށް އަދަބުވެރިކަމާއިއެކު، ސަފީރާއި ހިއްސާ ކުރެވުނު ކަމަށެވެ.

”އާދެ، (ސިފައިންގެ މައްސަލަ) ދެންނެވިން. އަޅުގަނޑު ދެންނެވިން، ވަރަށް ރީތިކޮށް، ޑިޕްލޮމެޓިކްކޮށް، ވަރަށް ސާފުކޮށް ދެންނެވިން، އެހެންނަމަވެސް ވަރަށް، ކީކޭ ދަންނަވާނީ، ޕޮލައިޓްކޮށް. އަޅުގަނޑު ދެންނެވިން، ރައްޔިތުން މިހެންނޭ މި އޮތީ ނިންމާފަ. އަޅުގަނޑުމެންނަށް ވަރަށް ކަންސާނިން(ކަންބޮޑުވާ) ކަމެކޭ މިއީ. އަޅުގަނޑުމެންނަށް އެބަ އެނގެއޭ މިތާ އެބަ ތިބިކަން. ބޭރު ސިފައިން. ދެން އެބޭފުޅުން ވެސް ވިދާޅުވީ، ޓެކްނިކަލް ބޭނުމަށޭ ތިބީ، ހެލިކޮޕްޓަރއާއި މިކަހަލަ ބޭނުންތަކަށޭ.“

މުޢިއްޒު ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާ ވާހަކަ އެހައި ”ފްރޭންކް“(ތެދުވެރި)ކަމާއިއެކު ފުރަތަމަ ބައްދަލުވުމުގައި ވެސް ދެންނެވުމުން، އެކަން ބަލައިގަންނަ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.

”ތިމަންނަމެނަށް(އިންޑިއާއަށް) ވަރަށް ސާފޭ، ރައްޔިތުން ނިންމި ގޮތް ވެސް ފެންނަން އެބައޮތޭ.“

މުޢިއްޒު ވިދާޅުވީ، މިއީ ވާހަކަ ދައްކައިގެން ޙައްލު ކުރެވޭނެ ކަމެއް ކަމަށް ވެސް އިންޑިއާ ސަފީރު ވިދާޅުވި ކަމަށެވެ.

މީގެއިތުރުން ދެ އަހަރުތެރޭގައި އިންޑިއާއަށް ދައްކަން ޖެހޭ ލޯނުގެ ބޮޑެތި ފައިސާގެ ޢަދަދުތަކަށް ލުއިގޮތެއް ހަމަޖެހިގެންދާނެކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށާއި، އިންޑިއާއާއި ގުޅިގެން ކުރިޔަށް ގެންދާ އުމްރާނީ ތަރައްޤީގެ  މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާކަމާއި، މިހާރުގެ ސަރުކާރުން އިންޑިއާއާއިއެކު ހަދައިފައިވާ، ސިއްރު އެއްބަސްވުންތަކުގެ ވާހަކަވެސް ފާހަގަކުރައްވައިފައިވާނެ ކަމަށް ވެސް އިންތިޚާބީ ރައީީސް ވިދާޅުވިއެވެ.

ިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ކަމަށް މުޢިއްޒު ރިޔާސީ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވަށާ ފާރުން ނާރާހާ ހިނދަކު، ރާއްޖެއިން ކޮންމެ ޤައުމަކާއިއެކީގައި ވެސް ބާއްވާނީ ގާާތް ގުޅުމެއް ކަމަށާއި، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ”ޕްރޯ މޯލްޑިވްސް“ ކަމަށެވެ.