އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުން ގެއަށް ބަދަލު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ތާއީދާއެކު، ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ.މުޢިއްޒަށް ދެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާނެކަމަށެވެ.

”އަޅުގަނޑުމެން މިކުރާ މަސަތްކަތުގައި މިހާރު ހޮވިވަޑައިގެން ހުންނެވި ރައީސްއަށް ތާއިދުކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް މި ސަރުކާރާއި އިންޑިއާ އިން އުއްމީދު ކުރި ކަމަށާ އެހެންނަމަވެސް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަގީގީ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް މި ސަރުކާރުން އަދި އިންޑިއާ ސަރުކާރުންވެސް އެމަނިކުފާނު ޖަލުގައި ބަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ފުރަތަމަ ބުރުގައި ވެސް އެމަނިކުފާނު ވާދަ ނުކުރައްވާނަމަ، ކާމިޔާބު ކުރެވޭނެ ކަމަށް ޔަޤީންކުރި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މިއާއެކު ރައީސް ޔާމީން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޖަލުގައި ހުންނަވަން ޖެހުނު ނަމަވެސް އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ބަދަލުކޮށް އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެވުން ކަމަށެވެ.