ވަކި ސިޔާސީ ޕާޓީއަކަށް ވީތީ ޤާބިލު ފަރާތްތައް މަޤާމުން ދުރުކުރުމުގެ ވިސްނުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުގެންގުޅުއްވާ ކަމަށް އާ ސަރުކާރުގެ އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެންބވިދާޅުވީ ”ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް، ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ“ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ނޫހެއްގައި ޝާއިއު ކުރި ޚަބަރަކާއި ގުޅިގެންނެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އެ ޕޯސްޓަކީ ޚަބަރުގެ ސުރުޙީގެ ސަބަބުން އޮޅުން އަރައިފާނެތީ ކުރެއްވި ޕޯސްޓެކެވެ.

”އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް. ވަކި ޕާޓީއަކަށް ވީތީ ޤާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް.“ ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ޤާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ.

ޤާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.