ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަ ވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
އެގޮތުން އިއްޔެ އާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ރަށެއްގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.