އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ސައުދީ އަރަބިއާގެ ގުޅުން ހަރުދަނާވާނެކަން ފާހަގަކޮށް، އައު ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
މިކަން ޔަގިންކަން ސައުދީން ދިނީ ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކްއަލްޢަޖާލީން އަލްދައުސަރީއާ މުއިއްޒާ އެކީ ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުން އޮތީ އިންތިޚާބީ ރައީސްގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ސައުދީއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖެ އަކީ ސައުދީ ފަދައިން އިސްލާމީ ޤައުމަކަށްވާތީ އަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
