މާލޭގެ ފިހާރައެއްގެ ތެރޭގައި އިން ބިދޭސީ ސޭޓަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި އަންހެނެކެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މަޖީދީ މަގުގައި ހުންނަ ”ޑްރީމް މޮބައިލް ޕްލަސް“ ފިހާރައިގައެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ފިހާރަ އަށް ވަދެ، އަތުގައި އޮތް ފޯން ދައްކާލައެވެ.
ކައުންޓަރުގައި އިން ސޭޓު ފޯނުތައް ލާފައިވާ ވަތްގަނޑުން ފޯނެއް ނަގައެވެ. ދެން ފެންނަނީ އެ އަންހެން މީހާ އެ ފޯނު ބަލާލާފައި ކައުންޓަރު މައްޗަށް އެއްލާލައި ތަނެވެ.
އެއަށް ފަހު، ފުރަގަސްދީ، ހެދުމުގެ ތެރޭގައި އޮތް ވަޅިން ހަމަލާދެ އެވެ. ބިދޭސީ ސޭޓުގެ ގައިގައި ވަޅި އަޅާފައިވަނީ ކަރުގެ އަރިމަތީގައެވެ.
