ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅައިފައި ވަނީ 48 މެމްބަރުންގެ ސޮޔާއިއެކުގައެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިރޭ ހުށަހަޅާފައިވާ ކަމަށާއި، މާދަމާ އެކަމާ ގުޅޭ ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅެގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. އެބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އެމްޑީޕީން ކުރިއަށް ގެންގޮސްފައި ނުވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޑިމޮކްރެޓްސްގެ ތާއީދު، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް މުހިންމުވުމުންނެވެ. ނަމަވެސް ޑިމޮކްރެޓުން އެމްޑީޕީގެ ފަޅިއަށް އަރާފައެއް ނުވެއެވެ.
