ރިޔާސީ އިންތިހާބުގެ ދުވަސްވަރު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާއި ހިލާފު ކޮންޓެންޓް ރާއްޖެ ޓީވީ އިން ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ވަނީ ބަލަން ފަށައިފައެވެ.

ރާއްޖެޓީވީން މިދިޔަ މަހުގެ 29 ވީ ހުކުރު ދުވަހުގެ ރޭ 08:08 އިން 08:10 އަށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓާއި ގުޅޭ މައްސަލައިގައި، އެ ޓީވީ ސްޓޭޝަނަޒް ބްރޯޑްކޮމްއިން ފޮނުވި ސިޓީގައި ވަނީ، ބްރޯޑްކާސްޓްކުރި އެ ކޮންޓެންޓުގައި ސަރުކާރުގެ ކެންޑިޑޭޓަކު އައްޔަނުކޮށްފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކު ސަރުކާރަށާއި ކެންޑިޑޭޓަށް ތާއީދުކޮށް ދައްކާފައިވާ ވާހަކަ ހިމެނިފައި ވާތީ އެއީ ސިޔާސީ ކޮންޓެންޓް އާއްމުކުރުމުގެ އުސޫލާއި ޚިލާފުވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ސަރުކާރަށް ނިސްބަތް ނުވާ ކެންޑިޑޭޓުގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ރާއްޖެ ޓީވީ އިން، އެ ކޮންޓެންޓް ގެނެސްދިން ވަގުތަކީ އެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރަން އަދުލުވެރި ނުވަތަ އިންސާފުވެރި ވަގުތެއްކަމުގައި ނުވާތީ އެކަން އިންތިހާބީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގެ 3 ވަނަ މާއްދާގެ (ހ)އާއި ހިލާފުވާ ކަމަށް ބެލެވޭ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

އެ މައްސަލައަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ޖަވާބުދިނުމަށް ސިޓީގައި އަންގާފައިވެއެވެ.

އަދި އެ މައްސަލަ ބަލާ ނިމެންދެން ހަވާލާދިން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް ވަނީ އަންގައިފައެވެ.