ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފެނަކަ ބަނގުރޫޓު ކޮށްލި މައްސަލަ ބަލަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ދަރަނި ފިލުވަން އެ ކުންފުނިން އެމްއައިބީއިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގި ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރި މައުލޫމާތުން ހާމަވުމާއި ގުޅިގެން ޢަމްރު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ފެނަކައިގެ ދަރަނި މިހާރު 3.5 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

އަދި ފެނަކައިގެ ދަރަނީގެ މައްސަލަ އަކީ އައު ސަރުކާރުން ހައްލުކުރަން އޮތް ބޮޑު މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ހިއްސާކުރި ގޮތުގައި ފެނަކައަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް އެމްއައިބީއިން ނަގާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވެއެވެ.

އެ މިނިސްޓްރީން ބުނީ އެއީ 200 މިލިއަން ރުފިޔާގެ ދެ ލޯނެއްކަމަށާއި ގެރެންޓީ ދިނީ 22 ޖޫން އާއި 27 އޮގަސްޓްގައި ކަމަށެވެ.