ސިއްހީ ދާއިރާއަށް އައްޔަން ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލާފައިވާއިރު، އެ ކޮމިޓީތަކުން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާއި ބައްދަލުކުރަމުންނެވެ.

އެގޮތުން މިއަދު ސިއްހީ ދާއިރާއަށް އައްޔަނު ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން ހެލްތް މިނިސްޓްރީގެ އިސްވެރިންނާ އެ މިނިސްޓްރީގައި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ޓްރާންސިޝަން ކޮމިޓީންވަނީ ހެލްތް މިނިސްޓަރާ ބައްދަލުކުރައްވާ އަދި އެ މިނިސްޓްރީގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތުދީފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި މިހާރު ހިނގަމުންދާ މުހިއްމު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓް އަދި ކުރިއަށް ޕްލޭނުކުރެވުނު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އައްޔަނުކޮށްފައިވަނީ އަބްދުއްރަހީމްއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.