އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު އަދާލަތު ޕާޓީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންދިޔައީ ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު މިއަދު ވިދާޅުވީ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް މިކަމާމެދު ގޮތެއް ނިންމުމުގެ ކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ދާއިރާތަކެއް ކަމެއް އަދި ސާފެއް ނޫނެވެ.

އަދާލަތުން 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވެސް ބައެއް ދާއިިރާތަކަށް ވާދަކުރިއެވެ. ނަމަވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.