ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާގެ ސިފައިން، ދިވެހި ފަސްގަނޑުން ފޭބުމަށް، ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހު ވެސް އަންގަވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މި ވާހަކަ ތަކުރާރު ކުރެއްވީ ”އަލްޖަޒީރާ“ އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައެވެ. މިއީ އެމަނިކުފާނު ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރާއްޖޭގެ މިނިވަންކަން މިހާރު ޔަޤީން ނުވާ ކަމަށާއި، އިންޑިއާ ނުވަތަ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހީން އެދޭ ގޮތެއް ނޫން ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެއް ސަބަބަކީ ވެސް، އިންޑިއާ ސިފައިން ބޭތިއްބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން އަންގަވާނީ ކޮން އިރަކުންތޯއާއި، އަންނަ މަހުގެ 17 ވަނަ ދުވަހު، މަޤާމުގެ ހުވާ ކުރައްވާ ގޮތަށް އެކަން ކުރައްވާނަންތޯ އަލްޖަޒީރާއިން ސުވާލު ކުރުމުން މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުޢިއްޒު ވިދާޅުވީ ޔަޤީނުން ވެސް، ފުރަތަމަ ދުވަހު އެކަން އަންގަވާނެ ކަމަށެވެ.
”އެ ޤައުމުގެ(އިންޑިއާ)ގެ ސަފީރާ ބައްދަލުވުމުން ވެސް، މިއީ( ސިފައިން ބޭލުން) އެންމެ މުހިންމު ކަންތައް ކަމުގައި ދެންނެވިން.“ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ މިކަމަށް އިންޑިއާގެ ފަރާތުން ވެސް ލިބުނީ އެދެވޭ ޖަވާބެއް ކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް އިންޑިއާ ސިފައިން ފޮނުވާލެވުން ކަމަށެވެ. ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެހައިވެސް ސީރިއަސް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
